Tuesday, 28 July 2026
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔަ ހެލްތް ސްކްރީނިން ޕްރޮގްރާމެއްގެ ތެރެއިން -- ފޮޓޯ: ކޭއާރްއެޗް

މިދިޔަ މަހު ޑެންގީ އާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ

މިދިޔަ އޭޕްރިލް މަހު ރާއްޖޭގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު 24,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާޗު މަހާ އަޅާބަލާއިރު އޭޕްރިލް މަހު ބަލިޖެހުނު މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން މާޗު މަހު 20,761 މީހުން ރިޕޯޓުކޮށްފައިވާއިރު، އޭޕްރިލް މަހު އެ އަދަދު ވަނީ 24,221 އަށް އުފުލިފައެވެ. މީގެ އިތުރުން ޑެންގީ ހުން ޖެހިގެން މާޗު މަހު 601 ކޭސް ރިޕޯޓުކުރިއިރު، އޭޕްރިލް މަހު 643 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

އެހެނިހެން ބަލިތަކަށް ބަލާއިރު، އިންފްލުއެންޒާ ޖެހިގެން އޭޕްރިލް މަހު 62 މީހަކު ރިޕޯޓުކޮށްފައިވެއެވެ. މިއީ މާޗު މަހު ފައްސިވި 5 މީހުންނާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އަދި ބޭރަށް ހިނގުމުގެ ރޯގާ ޖެހިގެން މިދިޔަ މަހު 3,993 މީހުން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.

މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާއި، ކޮވިޑް-19 އަދި އިންފްލުއެންޒާ ފަދަ ރޯގާތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *