ކާފު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައިވަނީ މިރޭ 10:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަޙައްދުގެ މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
މިއީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެއްކަން ފާހަގަކުރަމުން މެޓް އޮފީހުން ބުނީ، ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވަމުންދާ ކަމަށެވެ. މީގެ އިތުރުން ބައެއް ސަރަޙައްދުތަކުގެ ކަނޑުތައް ވެސް މި ދުވަސްވަރު ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.


