Tuesday, 28 July 2026
ފުލުހުން އަދަދު ނޫސްބަލައިފާސްކުރުން---ފޮޓޯ:އަދަދު

"އަދަދު" ނޫހުގެ ސީއީއޯއާއި މެނޭޖިން އެޑިޓަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ވަގުތުން ހުއްޓާލުމަށް ސީޕީޖޭ އިން ގޮވާލައިފި

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް ވަގުތުން ހުއްޓާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، ސީޕީޖޭ އޭޝިއާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޫސްވެރިކަން ކުރުމުގެ ސަބަބުން ޖިނާއީ ދައުވާ އުފުލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި ޑިމޮކްރެޓިކް ޒިންމާދާރުކުރުވުމަށް އޮތް ސީރިއަސް ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި އުނދަގޫ ސުވާލެއް ކުރުމާ ގުޅިގެން ނޫސްވެރިޔާ މުހައްމަދު ޝާހުޒާން އެ ބައްދަލުވުމުން ބޭރުކުރުން ވެސް އެ ޖަމިއްޔާއިން ވަނީ ކުށްވެރިކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ ނޫސްވެރިންނަށް ބިރުދެއްކުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދައުލަތުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި އާންމު ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވަނީސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން މިފަދަ ދައުވާތައް ކުރުމަކީ ޑިމޮކްރެޓިކް ނިޒާމަށް އޮތް ނުރައްކަލެއް ކަމަށް ވެސް އެ ޖަމިއްޔާއިން ސިފަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ މައުލޫމާތު ހާމަކުރުން މަނާކުރާ އަމުރާ ގުޅޭގޮތުން އެމްޖޭއޭ އިން ބުނީ، އެއީ ގާނޫނުއަސާސީއާ ހިލާފު، ރައްޔިތުންގެ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސްއަޅާ ކަމެއް ކަމަށެވެ. އަދި މި ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަކީ ހުދުމުހުތާރު އުސޫލެއް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ސީޕީޖޭ އިން ވަނީ ނޫސްވެރިންނަށް ބިރުދެއްކުމެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ބާރުއަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *