Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު ----- ފޮޓޯ: މަޖިލިސް

ކޯޓުން ނެރުނު އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް، މިހިރީ އަމުރާ ހިލާފުވާން ތައްޔާރަށް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް 'އަދަދު' ނޫހުން ތައްޔާރުކުރި 'އާއިޝާ' ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި އަމުރާ ހިލާފުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޯޓުން ނެރުނު އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށެވެ. އަދި މިފަދަ އަމުރުތަކާ ދެކޮޅަށް އިހުތިޖާޖު ކުރުމަކީ ހައްގެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ ރައީސް އޮފީހުގެ މުވައްޒަފަކު 'އަދަދު' ނޫހަށް ދިން އިންޓަވިއުއެއްގައި ކުރި ތުހުމަތުތަކާ ގުޅިގެން، ރައީސްގެ ފަރާތްޕުޅުން އެ ނޫހާ ދެކޮޅަށް ދައުވާ އުފުލާފައިވަނިކޮށެވެ. ކޯޓުގެ އަމުރުގައި ވަނީ އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމާއި މައުލޫމާތު ފެތުރުން އާންމުކޮށް މަނާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައިވެސް ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސިޔާސީ ޕާޓީތަކުން ގާނޫނާ ހިލާފު ހަރަކާތްތައް ހިންގާ ކަމަށް ބުނެ ހުށަހެޅި ގަރާރުގެ ބަހުސްގައި، 'އާއިޝާ' ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

"އަޅުގަނޑު މިހުރީ ކޯޓު އަމުރާ ހިލާފުވާން ތައްޔާރަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި ކުރެވޭ އިހުތިޖާޖުތަކަށް އެމަނިކުފާނު ތާއީދުކުރައްވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *