Tuesday, 28 July 2026
އައްޑޫސިޓީ ރަނިންހަނާ ފެންގަނޑު، ފޮޓޯ : ރާއްޖެ24

އައްޑޫ ބިޒްނަސް ޑައިލޮގްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފި

އައްޑޫ ސިޓީއަކީ ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މައި ހަބަކަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ވިޔަފާރިވެރިންނަށް ހުޅުވާލައިފިއެވެ. މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ރާއްޖޭގެ ވަކި ސަރަޙައްދަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އިޤްތިޞާދީ ފޯރަމެވެ.

މި ފޯރަމަކީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އައްޑޫ އާއި ދެކުނުގެ ސަރަޙައްދުގެ މުސްތަޤުބަލާ މެދު މަޝްވަރާކުރާނެ މުހިންމު މަންސައެކެވެ. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، "މިއީ ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ދެވޭނެ އިނާޔަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެއް" ކަމަށެވެ.

އައްޑޫ ސިޓީއަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ސަރަޙައްދަކަށް ވާއިރު، މި ފޯރަމްގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުހިންމު މުވައްސަސާތައް ހިމެނެއެވެ.

އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ދެކުނުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި ފޯރަމްގައި ބައިވެރިވުމަށް އައްޑޫގެ ގިނަ ވިޔަފާރިތަކަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މިއީ ސަރުކާރާ ސީދާ ވާހަކަދެކެވި، އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަތުމަށް ލިބޭނެ ރަނގަޅު ފުރުޞަތެއް ކަމަށް ވިޔަފާރިވެރިން ދެކެއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ބާއްވާ ފުރަތަމަ ޙަރަކާތެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދައި އެކަންކަން ފަހި ކުރުމެވެ. ޚާއްޞަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާބަން ސެންޓަރުތައް ޤާއިމްކޮށް ސަރަހައްދީ ތަރައްޤީ ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *