Tuesday, 28 July 2026
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ: ރައީސް އޮފީސް

އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް ހާއްސަ ވިޔަފާރި ފޯރަމެއް މި މަހު ބާއްވަނީ

އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ވިޔަފާރި ފޯރަމެއް މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫގައި ބޭއްވުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ފޯރަމަކީ އައްޑޫގެ ވިޔަފާރިވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންގެ އިތުރުން އައްޑޫއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށްވެސް މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، މި ފޯރަމުގައި އިންވެސްޓުމެންޓާއި ވިޔަފާރީގެ މައުލޫމާތުގެ އިތުރުން މަސައްކަތްތެރިކަމާއި ޓެކްނޮލޮޖީއާ ގުޅޭ މައުލޫމާތުތައްވެސް ހިއްސާކުރެވޭނެއެވެ. މިކަމަށްޓަކައި ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިމާރާތްކުރުމާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާތަކުގެ އިތުރުން މީރާއާއި މާލީ ވުޒާރާވެސް މި ފޯރަމުގައި ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ.

"އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް… ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވިޔަފާރި ފުޅާކުރުމަށްޓަކައި އިންސެންޓިވްތަކެއް ތައާރަފުކުރެއްވުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *