Tuesday, 28 July 2026
'ބޭޔަރ'ގެ ފާމަސޫޓިކަލް އުފެއްދުންތައް އެސްޓީއޯ އިން ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ: އެސްޓީއޯ

ދުނިޔޭގެ މަޝްހޫރު ބޭސްކުންފުނި،’ބޭޔަރ’ގެ ފާމަސޫޓިކަލް އުފެއްދުންތައް އެސްޓީއޯ އިން ތައާރަފުކޮށްފި

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ" (Bayer) ގެ ފާމަސޫޓިކަލް އުފެއްދުންތައް މިއަދު ރަސްމީކޮށް ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ.

މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ތައާރަފުކުރުމެވެ. މިގޮތުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯރމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި (Endocrinology)، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވުނެވެ.

ތަޢާރަފްކުރެވުނު ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެކެވެ. މި ފަރުވާތައް ރާއްޖެއަށް ތައާރަފް މިކުރެވުނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރުހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކުރެވިގެންނެވެ.

އެސްޓީއޯ ހެލްތުކެއާ އާއި ބޭޔަރ ކުންފުނި ގުޅިގެން ފެށި މި މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މި ފެށުނު ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *