ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ސިޔާސީ މަސައްކަތްޕުޅުތައް ކުރެއްވުމަށް ރަސްމީ އެއްބަސްވުމެއްގައި މިރޭ ސޮއިކުރައްވައިފިއެވެ. ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ މި ތާރީޚީ ބައްދަލުވުމަކީ މި ތިން ބޭފުޅުން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނަށް އާންމުކުރި މި އެއްބަސްވުމުގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި، ނޫސްވެރިން ޖަލަށްލުމުގެ އިތުރުން ގައުމުގެ އިގުތިސޯދީ ހާލަތު ދަށްވެ، ތަކެތީގެ އަގު އުފުލެމުންދާތީ ތިން ރައީސުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުން ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ކަމުގެ އިތުބާރު ގެއްލިފައިވާ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެއްބަސްވުމުގައި ބުނެފައިވަނީ އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދިޔުމާ އެކު ގައުމު ހަމަ މަގަށް އެޅުވުމަށް ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ތިން ރައީސުން އެންމެ ފުރަތަމަ ކަމަކަށް ގޮވާލާފައިވަނީ، ކޯޓު އަމުރަކާ ހިލާފުވި ކަމަށް ބުނެ ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލުމުން ހައްޔަރުކުރި މީހުން ވަގުތުން މިނިވަން ކުރުމަށެވެ. އަދި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށްވެސް އެ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.


