Tuesday, 28 July 2026
ތައިލެންޑްގެ ދިދަ -- ފޮޓޯ: ތައިޒާރ

ތައިލެންޑުން ދިވެހިންނަށް ދޭ އޮން އެރައިވަލް ވިސާގެ މުއްދަތު 15 ދުވަހަށް ކުރުކުރަނީ

ތައިލެންޑުން ދިވެހިންނަށް ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ މުއްދަތު 15 ދުވަހަށް ކުރުކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފިއެވެ. މިއީ 2024 ވަނަ އަހަރުގެ ތެރޭގައި ދިވެހިންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ނިންމާފައި އޮތް އޮތުމަށް ގެނައި ބަދަލެކެވެ. ތައިލެންޑް ސަރުކާރުގެ މި ނިންމުމާއެކު، 93 ގައުމަކަށް ދެމުންދާ ވިސާގެ ލުއިތައް މުރާޖައާކޮށް، ގިނަ ގައުމުތަކަކަށް ދޭ ވިސާގެ މުއްދަތު ވަނީ ކުރުކޮށްފައެވެ.

ބެންކޮކް ޕޯސްޓް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިސާގެ އާ އުސޫލުގެ ދަށުން ރާއްޖޭގެ އިތުރުން ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވެސް ދެން ލިބޭނީ 15 ދުވަހުގެ ވިސާއެވެ. އަދި ކުރިން 60 ދުވަހުގެ ވިސާ ލިބެމުންދިޔަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި މި ނިންމުން ޝާއިއުކުރާތާ 15 ދުވަސް ހަމަވުމުންނެވެ.

މި ބަދަލާ ގުޅޭގޮތުން ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ، 60 ދުވަހުގެ ވިސާގެ ބޭނުން ނުބައި ގޮތުގައި ހިފައި، އިންސާނީ ވަގު ވިޔަފާރި އާއި ކޯލް ސެންޓަރު ސްކޭމްތައް ފަދަ ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، މި ބަދަލަކީ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، 'ކޮލިޓީ' ފަތުރުވެރިކަމަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިސާގެ މުއްދަތު އިތުރުކުރުމަށްޓަކައި ބޯޑަރު ހުރަސްކޮށްފައި އަވަސް އަވަހަށް އެނބުރި ގައުމަށް ވަންނަ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އާ ގަވާއިދުގެ ދަށުން، އެއްގަމު މަގުން ބޯޑަރު ހުރަސްކޮށް އަހަރަކު ތައިލެންޑަށް ވަދެވޭނީ އެންމެ ގިނަވެގެން ދެ ފަހަރު ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *