Tuesday, 28 July 2026

ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް!

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާ ބަލައި އިރު 33 އިންސައްތައިގެ އިތުރުވުމެކެވެ.

އެސްޓީއޯއިން ވިދާޅުވީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށްދިޔުމާއި، އަދި މި ކުއާޓަރގައި ބަންކަރިން ހިމެނޭގޮތަށް ކުންފުނިން ވިއްކި ތެލުގެ އަދަދު 27 އިންސައްތަ އިތުރުވުމާއި، އަދި ކުންފުނީގެ އެހެން ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުމެވެ.

އާމްދަނީ އިތުރުވުމާއެކު ފައިދާގެ ގޮތުގައި ވަނީ 785 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 17 އިންސައްތައިގެ އިތުރުވުމެކެވެ.

ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް، ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރާއި އަޅާ ބަލައި 14 އިންސައްތައިން އިތުރުވެ، 368 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 276 މިލިޔަން ރުފިޔާ ލިބިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *