އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 337 މިލިއަން ޑޮލަރެވެ. ނަމަވެސް މާޗު މަސް ނިމުނުއިރު މި އަދަދު ވަނީ 409 މިލިއަން ޑޮލަރަށް އުފުލިފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި ލިބުނު 21.3 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން ރަސްމީ ރިޒާވް ވެސް ވަނީ 1.27 ބިލިއަން ޑޮލަރުން 1.33 ބިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ރިޒާވް ހަރުދަނާވުމުގެ މުހިންމު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޭރު ފައިސާގެ އާ ގަވާއިދުގެ ދަށުން ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރަން ޖެހުމެވެ. މިއީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅެކެވެ.
ސަރުކާރުން ވަނީ މި މަހުގެ 2 ވަނަ ދުވަހު ރާއްޖެއިން ދައްކަންޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސުކޫކް އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ. މި ދަރަނި އަދާކޮށްފައިވަނީ އިތުރު ލޯނެއް ނުނަގައި، ދައުލަތުގެ ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ބޭނުންކޮށްގެންނެވެ. ސުކޫކް ދެއްކުމަށް އެސްޑީއެފް އިން 150 މިލިއަން ޑޮލަރު ބޭނުންކޮށްފައިވެއެވެ.
މި ސަރުކާރު ހަވާލުވިއިރު އެސްޑީއެފްގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ނަމަވެސް، މިހާރު އެ ފަންޑުގައި ހުރި ފައިސާގެ މިންވަރު ވަނީ 275 މިލިއަން ޑޮލަރަށްވުރެ މައްޗަށް އިތުރުކޮށްފައެވެ.


