Tuesday, 28 July 2026
ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ. މި ހާދިސާގައި އެ ރަށުގެ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްޓަކައި އެ ވުޒާރާގެ ހާއްސަ ޓީމެއް މިހާރު ފީއައްޔަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ މިފްކޯއިން ހިންގަމުންދިޔަ އައިސްޕްލާންޓަށާއި މަސްވެރި އުޅަނދުތަކަށް ލިބުނު ގެއްލުންތައް ބަލައި، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ތެޔޮ އުފުލާ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުމުގެ ތެރޭގައި ހިފި ހުޅަކުން ކަމަށް މައުލޫމާތު ލިބެއެވެ. މި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރިގެން ދިއުމުގެ ސަބަބުން، ކައިރީގައި އޮތް ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏަކާއި އިތުރު އުޅަނދުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. މީގެ އިތުރުން ރަށުގެ އައިސްޕްލާންޓްވެސް ވަނީ މުޅިން އަނދާ ހުލިވެފައެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހުގެ ހެނދުނު 9:15 ހާއިރުއެވެ. ގަޑިއިރެއްހާ އިރުގެ މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނު އިރު، ޖުމްލަ ހަތަރު ދޯންޏަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހާދިސާގައި ބަންގްލަދޭޝްގެ ފިރިހެނަކު ވަރަށް ބޮޑަށް ފިހިގެން އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެމީހާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސަރުކާރުން މިހާރު ދަނީ މި ހާދިސާއާ ގުޅިގެން ލިބުނު މާލީ އަދި ފަންނީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ޚާއްސަކޮށް ރަށުގެ މަސްވެރިކަމަށް މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށް އިސްކަންދޭނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *