Tuesday, 28 July 2026
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ -- މީރާ

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ބޭރު ފައިސާގެ އާމްދަނީއަށް 16 އިންސައްތައިގެ ކުރިއެރުމެއް

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ޖުމްލަ 512.4 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ބޭރު ފައިސާއިން ލިބިފައިވަނީ 441.8 މިލިއަން ޑޮލަރެވެ. މި އަހަރު ލިބުނު އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި އެކަނިވެސް 410.3 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރަށްވުރެ 23.5 އިންސައްތަ އިތުރު އަދަދެކެވެ. ބޭރު ފައިސާއިން ލިބުނު ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 269.5 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 47.7 މިލިއަން ޑޮލަރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 56.2 މިލިއަން ޑޮލަރު އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތްގޮތުން ބޭރު ފައިސާއިން 102.1 މިލިއަން ޑޮލަރު ލިބިފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު 37.1 މިލިއަން ޑޮލަރާއި، ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ލިބުނު 35.7 މިލިއަން ޑޮލަރެވެ.

ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރުވެސް މި އަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 11.27 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ޖުމްލަ ގޮތެއްގައި 18 އިންސައްތައިގެ އިތުރުވުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *