Tuesday, 28 July 2026

މާލޭގެ މަގުތަކުގައި ހަރުކުރި ކުށްބަސްތައް ހުރި ނަންބޯޑުތަކަށް ފާޑުކިޔުން އަމާޒުވުމުން އެބޯޑުތައް ސިޓީ ކައުންސިލުން ނަގައިފި

ލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން، ކުށްބަސް ހިމެނޭހެން ތައްޔާރުކޮށް ހަރުކުރި ބޯޑުތައް އެ ކައުންސިލުން މިހާރު ނަގައިފިއެވެ. މި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ކުށްބަސްތަކުން ލިޔެފައި ހުރުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ކައުންސިލަށް ވަނީ އަމާޒުވެފައެވެ.

މަގުމަތީގައި ހަރުކޮށްފައި ހުރި ބޯޑުތަކުގެ ތެރެއިން "ލޮނުޒިޔާރަތް" މަގުގެ ނަން ބޯޑުގައި ލިޔެފައި އޮތީ "ލޮނުޒިޔާރައިމަގު" ގެ ގޮތުގައެވެ. މީގެ އިތުރުން "މާފަތްތަކުރުފާނު" މަގުގެ ނަން ލިޔެފައި އޮތީ "މާފައިތަކުރުފާނުމަގު" ގެ ގޮތުގައެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ދިވެހި ބަހުގެ ގަވާއިދުތަކަށް ނުބަލައި މިފަދަ މަސައްކަތްތައް ކުރާތީ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ނަންބޯޑުތަކުގައި ކުށް ހުރިކަން ފާހަގަވުމާއެކު މިހާރު އެ ބޯޑުތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް، މިފަދަ ބޮޑު މަޝްރޫއެއްގެ ދަށުން ކުރެވޭ މަސައްކަތްތައް ނިމި، މަގުތަކުގައި ހަރުކުރިއިރު އެކަންކަން ރަނގަޅަށް ޗެކްކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ކައުންސިލްގެ އިހުމާލު އޮތް ކަމަށް ބުނަމުންނެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި 2021 ގައި ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ނަންތައް އާންމުންނަށް ފަސޭހައިން އެނގޭނެ ގޮތް ހެދުމަށް ރޭވިފައިވާ މުހިންމު މަސައްކަތެއް ކަމަށް ކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *