Tuesday, 28 July 2026
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލްޣަފޫރު މޫސާ (ގަޕޯ)---އެމްޑިޕީޕޭޖް

މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ގޮތް ނިންމާނީ ގައުމީ މަޖިލިހުން ކަމަށް ގަޕޯ ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅާފައިވިޔަސް، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ. ގަފޫރު ވިދާޅުވީ އޭނާގެ އިތުބާރު އޮތްތޯ ބެލުމުގެ މައްސަލައިގައި ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓަކުން ކަމަށެވެ.

ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި ގައުމީ މަޖިލީހުގެ 55 މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް މިއަދު ވަނީ ހުށަހަޅައިފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވީ، ޖަލްސާ ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަންގެ ނައިބު (މާލީ) އަހުމަދު އަބްދުﷲއާ މިހާރު ހަވާލުކުރައްވާފައިވާނެ ކަމަށެވެ.

"އެ ޖަލްސާގައި ވޯޓުން ގޮތް ނިންމާނީ. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން،" ގަޕޯ ވިދާޅުވިއެވެ. އަބްދުލްޣަފޫރު މޫސާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ ދެ ބޭފުޅުން ވަކިކުރެއްވީ އިދާރީ ގޮތުން އެއްބާރުލުން ނުދެއްވާތީ ކަމަށް ގަޕޯ މިއަދު ވަނީ ހާމަކުރައްވާފައެވެ.

ގަޕޯ އިތުރަށް ވިދާޅުވީ، މަގާމުން ވަކިކުރި ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އެ ބޭފުޅުންނަށް އޮންނާނެ ކަމަށެވެ.

 "އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިހުން މައްސަލަ ބަލާފައި އެ ބޭފުޅުންގެ މަގާމު އިޔާދަ ކުރާ ނަމަ ކުރަންވީ. އެ ފުރުސަތު އެ ބޭފުޅުންނަށް އެބައޮތް،" އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)

އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާއިން ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވާ ގޮތަށް އޮތް އައިޓަމް އުނިކުރި މައްސަލައިގައެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ވަނީ އެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 65 މެންބަރުންގެ ވޯޓުން ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވި ގަޕޯ ވަކިކުރުމަށް 55 މެންބަރުން ސޮއިކޮށްފައިވާއިރު، އެމްޑީޕީގެ ގަވާއިދު ބުނާގޮތުން 10 މެންބަރުން ސޮއިކޮށް ހުށަހެޅުމުން ޖަލްސާ ބާއްވަން ލާޒިމްވެއެވެ. ޖުމްލަ 123 މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުގެ ކޯރަމްއަކީ 31 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *