ދިވެހިރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހަށް ހަމަވިއިރު، ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ:
- ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ
- ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް
- ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމު ހުސްވުމާ ގުޅިގެން މިހާރު ވަގުތީ ގޮތުން ހައި ކޯޓު ހިންގުން ހަވާލުކޮށްފައިވަނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާއެވެ.
ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހޮވޭ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ބޮޑު އަދަދެއް ލިބިގެންދާނެއެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި 47,700 ރުފިޔާ ކަނޑައަޅާފައިވާއިރު، ލިވިންގ އެލަވެންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި މަހަކު 3,300 ރުފިޔާ ލިބޭނެއެވެ.
ޖޭއެސްސީން މިހާރު ކުރިއަށް ގެންދާނީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކު ހޮވުމުގެ މަސައްކަތެވެ.


