މާލޭގެ މަގުމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭ، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައެވެ. ހޯމަ ދުވަހުގެ ވަގުތެއްގައި އެ ސަރަހައްދުން އެ މީހާ ފެނުނުއިރު، އޭނާ އޮތީ އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނީ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެ މީހާ މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުވަތަ ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


