އިސްރާއީލްގެ އޮފިޝަލުންތަކެއް އަލް-އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތުމާ ގުޅިގެން އެކަން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި އެ މިސްކިތުގެ މުގައްދަސްކަމާއި ގާނޫނީ ހައިސިއްޔަތު ނަގާލުމަށް ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި އިސްރާއީލްގެ އޮފިޝަލުން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ކުރިމަތި ކުރި ވަރަށް ބޮޑު ފުރައްސާރައެއް ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ، އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ 'ސްޓޭޓަސް ކޯ' ނުވަތަ އޮތް ހާލަތު ދެމެހެއްޓުމަށް ގޮވާލާފަ އެވެ. އަދި އިޒްރޭލުން ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޒިންމާދާރު ކުރުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެއެވެ.


