ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ފަރުހާދު ފިކުރީ މިހާރުވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި، މުއައްސަސާގެ ޚިދުމަތުގައި ކަމަށްވެސް ފުލުހުން ވަނީ ސާފުކޮށްދީފައެވެ.
ފަރުހާދު ފިކުރީ މަގާމުން ރިޓަޔަރ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ބައެއް ނޫސްތަކާއި ސިޔާސީ އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައާއި އެހެނިހެން ވަސީލަތްތަކުގައި ދޮގު މައުލޫމާތު ފަތުރަމުންނެވެ. ނަމަވެސް ފުލުހުން ވަނީ އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.
ފަރުހާދު ފިކުރީއަކީ ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީން ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އިސްމާއީލް ނަވީން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އައު ކޮމިޝަނަރަކު އައްޔަނު ކުރަންދެން ފުލުހުންގެ ޚިދުމަތް ވަގުތީ ގޮތުން ހިންގެވުމުގެ ޒިންމާވެސް ފަރުހާދު ވަނީ އުފުއްލަވާފައެވެ.


