Tuesday, 28 July 2026
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް----ފޮޓޯ:

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކޮށްފި

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ މެދު ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައިވަނިކޮށް، އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު މައުރޫފް މިއަދު މަގާމުން ވަކިކޮށްފި އެވެ.

މައުރޫފް މަގާމުން ވަކިކުރިކަން އަންގައި، އެމްޑީޕީގެ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވަނީ އޭނާއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ސިޓީގައި އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ. ޗެއާޕާސަންގެ ސިޓީގައި ވަނީ "މަގާމުގައި ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި މަސައްކަތްޕުޅަށް ޕާޓީގެ ނަމުގައި ޝުކުރު ދަންނަވަމެވެ" މިހެންނެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ހޯދުމަށް ގަފޫރަށް ގުޅި ނަމަވެސް، އޭނާގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި މައުރޫފް ވަނީ ރޭގެ ޖަލްސާ ނިމުނުތާ އިރުކޮޅެއް ނުވެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވައިފަ އެވެ. ވަކި މީހެއްގެ ނަމެއް ނުގެންނަވައި އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ "ބޮޑާވުމަކީ ނާކާމިޔާބީއަށް މަގުފަހިވާ ކަމެކެވެ" މިހެންނެވެ.

މައުރޫފް މަގާމުން ވަކިކޮށްފައި މިވަނީ، ރޭ ބޭއްވި ޖަލްސާގެ އެޖެންޑާ ފައިނަލް ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ޗެއާޕާސަން ގަފޫރުގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ގަފޫރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގަފޫރާ މެދު ބައެއް މެންބަރުން ހިތްހަމަނުޖެހުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް އެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ފަހު، އެންމެ ފަހު ވަގުތު އެ ފުރުސަތު ނުދިނުމުންނެވެ. އެކަމާ ހިތްހަމަނުޖެހިވަޑައިގެން ނަޝީދާއި ފައްޔާޒު ރޭގެ ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *