ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު އައު އުޅަނދެއް ރަޖިސްޓްރީކޮށްދޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މުހިންމު އިސްލާހެއް ގެނެސްފިއެވެ. މި އިސްލާހުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުޅަނދު ރަޖިސްޓްރީ ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ދަތުރުފަތުރާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މި ގަވާއިދުގެ އަށް ވަނަ އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި އެހެން އުޅަނދެއް ރަޖިސްޓަރީ ކުރަން ބޭނުންވެއްޖެ ނަމަ، އިތުރު ލިޔެކިޔުންތަކަކާ ނުލާ އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މީގެ ކުރިން މިފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވެނީ ގަރާޖެއްގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖާ ގުޅޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ.
މި ލުއި ލިބޭނީ ކުރިން ބޭނުންކުރަމުންދިޔަ އުޅަނދު ނައްތާލުމަށްފަހު، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ޒޯނަށް އައު އުޅަނދު ރަޖިސްޓަރީ ކުރަން ބޭނުންވާ ހާލަތްތަކުގައެވެ. އައު އުޅަނދު ރަޖިސްޓަރީ ކޮށްދޭނީ ކުރިން ބޭނުންކުރަމުން އައި އުޅަނދު ނައްތާލުމަށް ފަހުގައެވެ. މިގޮތަށް އުޅަނދު ބަދަލުކުރާއިރު އުޅަނދު ނައްތާލިކަމުގެ ލިޔުން ހުށަހަޅަންޖެހޭނެއެވެ.
މީގެ އިތުރުން، ނައްތާލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށް، ނައްތާލުމާ ހަމައަށް ބޭނުންކުރަމުން އައި އުޅަނދަކަށް ވާންޖެހެއެވެ. އަދި އެ އުޅަނދަކީ ފާއިތުވި ފަސް އަހަރު ގަވާއިދުން އަހަރީ ފީ ދައްކާފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށްވެސް އައު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އުޅަނދު ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހަޅާއިރު، އުޅަނދު ރާއްޖެ އެތެރެކުރިކަމުގެ ލިޔުމާއި، އިމްޕޯޓް ޑިއުޓީ ދެއްކިކަމުގެ ލިޔުމުގެ އިތުރުން ރޯޑުވާދިނަސް ރިޕޯޓު ފަދަ ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހެއެވެ. ނަމަވެސް އައު އިސްލާހާއެކު، ކުރީގެ އުޅަނދު ނައްތާލައިގެން އާ އުޅަނދެއް ރަޖިސްޓަރީ ކުރާ ފަރާތްތަކަށް މި އިޖުރާއަތްތަކުގެ ތެރެއިން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


