ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައެވެ. މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 07 ވަނަ ދުވަހުގެ މެންދުރުފަހު 14:16 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެންނެވެ. މި ހާދިސާގައި އެކްސިޑެންޓްވި ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އެ މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


