ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ އާދަ އަށަގެންނެވުމަށާއި ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ސަބަބުން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސައިންސަށް ބިނާކޮށް ގޮތް ނިންމުމަކީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމެކެވެ. ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ސާބިތު ހެކިތަކުގެ މައްޗަށްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން، ޑިޖިޓަލް ހެލްތުގެ ޚިދުމަތް ފުޅާކުރުމާއި، ބަލިތައް ދެނެގަތުމާއި މޮނިޓަރކުރުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޞިއްޙީ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު އެއްވިއުގައަކުން ގުޅާލުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ގުޅުންތަކަށް އަލިއަޅުއްވާލައްވަމުން، ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާ (WHO) އާއި އެހެނިހެން އިދާރާތަކާއެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގައުމުތަކުގެ އަމިއްލަ ހާލަތާ ގުޅޭ ހެކިތައް ހޯދުމަށް އިސްކަންދިނުމަށާއި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ "ސިއްހަތަށްޓަކައި އެކުގައި، ސައިންސާއެކު ސާބިތުވެ ތިބުމަށް" ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވަމުންނެވެ. މީގެ އިތުރުން 'ވަން ހެލްތު އިނީޝިއޭޓިވް' ކުރިއަށް ގެންދަންވާނީ ސައިންސަށް ބިނާވެފައިވާ އުސޫލުތަކުގެ މައްޗަށްކަން ބަޔާންކުރައްވައި އެމަނިކުފާނު ވަނީ އެކްސްގައިވެސް ޝުއޫރު ފާޅުކުރައްވާފައެވެ.


