މިފްކޯއިން ވިއްކާ ތެޔޮމަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލު މުރާޖައާކުރުމަށްފަހު، އަލުން ކުރީގެ އަގުގައި މަސްދަޅު ވިއްކުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރައްޔިތުންގެ ޚިޔާލާއި ދިރިއުޅުމުގެ ޚަރަދުތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މިރެއިން ފެށިގެން އެ ކުންފުނީގެ މަސްފިހާރަތަކުން ކުރިއެކޭވެސް އެއްގޮތަށް ތެޔޮމަސްދަޅެއް 17.50 ރުފިޔާއަށް ލިބޭނެއެވެ. އަދި ތެޔޮމަސްދަޅު ކޭހެއް 760 ރުފިޔާއަށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މި ބަދަލަކީ މިއަދުގެ ކުރީގެ ވަގުތެއްގައި މަސްދަޅުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ބަލައި ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީއެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުންފުނީގެ އުފެއްދުންތައް މާކެޓަށް ނެރުމުގައި އަބަދުވެސް ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ އަރުވާފައެވެ.


