މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި މަސްދަޅުގެ އަގަށް ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެންނެވެ. މީގެ އިތުރުން، މާރިޗް މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ، މިހާރު އެ ކުންފުންޏަށް ލިބެނީ 14.32ރ. އަށް ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މަސްދަޅުގެ އަގަށް ގެނައި ބަދަލާއެކު، މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކާނީ 18.50ރ. އަށެވެ. ކުރީގެ އަގަށްވުރެ މިވަނީ އެއް ރުފިޔާ އަގު ބޮޑު ވެފައެވެ. އަދި ތެޔޮ މަސްދަޅު ކޭހެއްގެ އަގު މިހާރު ވަނީ 800ރ. އަށް ބަދަލުވެފައެވެ.
މިފްކޯއިން ބުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް، ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ބަލައިގެން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.


