ދިވެހިރާއްޖޭގެ ގިނަ ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވާ، ށ. ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ދާއިރާގައި، ވަކީން ޚާއްޞަކޮށް ށ. އަތޮޅުގެ އެކި މަގާމުތަކުގައި މޫސާ ރަމީޒް ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ. މީގެ އިތުރުން އޭނާއަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ށ. އަތޮޅާއި ފުވައްމުލަކުގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މޫސާ ރަމީޒް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ޢާއިލާއަށާއި ށ. އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، "ދުޢާއަކީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގަައި މަރްޙޫމް މޫސާ ރަމީޒް ލެހެއްޓެވުން" ކަމަށެވެ.


