Tuesday, 28 July 2026

ދިވެހި ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވުމުގެ މުއްދަތު އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފި

ދިވެހި ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ’ދިވެހި ވަޠަނީ ޚިދުމަތް' ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މި ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ދިފާއީ ވުޒާރާއިން އިތުރުކޮށްފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ބައިވެރިވުމަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ތިންވަނަ ބުރުގެ ތަމްރީނުތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައި ޅ. މާފިލާފުށީގައެވެ.

ޕްރޮގްރާމަށް ހޮވޭ ޒުވާނުންނަށް ތިން މަސް ދުވަހުގެ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގައި ބައިވެރިންނަށް އެލަވަންސެއް ދިނުމުގެ އިތުރުން، އަސާސީ ތަމްރީނު ނިމުމުން ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ހުނަރު އަށަގެންނެވުމަށް ފެށި މުހިންމު މަސައްކަތެކެވެ. މިއީ ޤައުމީ ޚިދުމަތަށް ޒުވާނުން ތައްޔާރުކުރުމަށް ކުރިއަށްގެންދާ ޚާއްޞަ ހަރަކާތެކެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި މިހާރު ކުރިއަށްދާ ދެވަނަ ބުރުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ޒުވާނުން އަންނަނީ ތަމްރީނު ހޯދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *