Tuesday, 28 July 2026
ރައީސްގެ ދެކަބަލުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން މާދަމާ ސަޢޫދީއަށް ފުރާވަޑައިގަންނަވަނީ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުން ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

މި ދަތުރުފުޅާ ގުޅޭ އެންމެހާ އިންތިޒާމުތަކެއް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ކުރީކޮޅުގައި ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ މެހެމާންދާރީގައި ޢުމްރާގެ އަޅުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްވެސް އެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *