Wednesday, 29 July 2026
ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު -- ފޮޓޯ: ފުލުހުން

ސީޕީގެ މަޤާމަށް އަހްމަދު މުހައްމަދު އައްޔަން ކުރައްވައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ)، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ، އެސިސްޓެންޓު ކޮމިޝަނަރު އަހުމަދު މުހައްމަދަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ އެކު، އެ މަގާމުގައި މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު އެންމެ ފުރަތަމަ އިއުލާންކުރިއިރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް އިއުލާންކުރުމުން ފަރުހާދާއި އަހުމަދު މުހައްމަދުގެ އިތުރުން ދެން ކުރިމަތިލެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.

އަހްމަދު މުހައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނަރުންނަށް ދޭ ބޭސިކް ޓްރޭނިން ކޯސް ހިމެނޭހެން، ސީނިއާ އޮފިސަރުންގެ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *