Wednesday, 29 July 2026
ފޮޓޯ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބު: ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ގިނަ ސިޓީތަކުގެ މޭޔަރުކަމުގެ ގޮނޑިތަކުގައިވެސް ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާފު އަގުލަބިއްޔަތު އެމްޑީޕީން ވަނީ ހޯދާފައެވެ. ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އެ ސިޓީ ކައުންސިލްގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ހަމައެއާއެކު، އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް އެމްޑީޕީން ވަނީ ދަމަހައްޓާފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިހާރުގެވެސް މޭޔަރު އަލީ ނިޒާރު ކާމިޔާބުކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި މިހާރުގެ މޭޔަރު އާދަމް އާޒިމް އުޅުއްވަނީ 43 ޕަސެންޓަށް ވުރެ ގިނަ ވޯޓާއެކު ކުރީގައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ 28 ޕަސެންޓު ވޯޓެވެ. ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ރޭހުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓު އިސްމާއިލް ރަފީގު އުޅުއްވަނީ ވަރަށް ބޮޑު ތަފާތަކުން ކުރީގައެވެ.

ތިނަދޫ ސިޓީގެ މޭޔަރުކަމުގެ އިންތިހާބު ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އާއި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަޖީބުއަށް ލިބިފައިވާ ވޯޓުގެ ތަފާތު ވަރަށް ކުޑައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ވޯޓުލުން ނިންމާލުމަށް ކަނޑައެޅި ވަގުތު ހަމަވިއިރުވެސް ބައެއް ފޮށިތައް ބަންދުކުރެވިފައެއް ނުވެއެވެ. މިރޭ 8:30 އާ ހަމައަށް ޖުމްލަ 588 ފޮށީގެ ތެރެއިން 7 ފޮއްޓެއް ބަންދުނުކުރެވި ހުރިކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *