މިހާރު ކުރިއަށްދާ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަމަވެ، ހަވީރު 5:00 ޖެހުމާއެކު ވޯޓުފޮށިތަކުގެ ކިޔު ބަންދުކޮށްފިއެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްދީފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 62.98 އިންސައްތަ މީހުންނެވެ. އެއީ ޖުމްލަ 185،709 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 92،567 އަންހެނުންނާއި 93،142 ފިރިހެނުންނެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 294،876 މީހުންނަށް ލިބިގެންވާއިރު، ވޯޓުލުން ބަންދުކުރި ވަގުތާ ހަމައަށް 109،167 މީހުން ވޯޓުލާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ %37.02 އެވެ.
މި އިންތިޚާބަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓު ގުނަން ފަށާނީ ކިޔުގައި ތިބި މީހުން ވޯޓުލާ ނިމި، ފޮށި ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.


