Tuesday, 28 July 2026
ފޮޓޯ: އީސީ

އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގައެއް ނުވޭ: އެޗްއާރްސީއެމް

މިއަދު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ އެއްވެސް ކަމެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. މިއަދު ކުރިއަށްދަނީ ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާއްމު ވޯޓެވެ.

އެޗްއާރްސީއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިންތިހާބުގެ ވޯޓުލުމުގެ ކަންކަން އާއްމު ގޮތެއްގައި ކުރިއަށްދަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ވޯޓުގެ ނަތީޖާއަށް ނުވަތަ ސައްހަކަމަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި އިންތިހާބުތައް އޮބްޒާވް ކުރުމަށްޓަކައި އެޗްއާރްސީއެމްގެ 78 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މުވައްޒަފުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ. ވޯޓުލާ މަރުކަޒުތަކުގައި ކޮމިޝަނުގެ މުވައްޒަފުން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު ހެނދުނު 6:30 އިން ފެށިގެންނެވެ.

އެޗްއާރްސީއެމް އިން ބުނި ގޮތުގައި މާލެ ސަރަހައްދުގައި އެކި ގަޑިތަކަށް ބަހާލައިގެން 208 ވޯޓު ފޮށްޓެއް އޮބްޒާވް ކުރަމުންދެއެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި 104 ފޮށްޓެއް އޮބްޒާވް ކުރަމުންދާއިރު، އޭގެ ތެރޭގައި ކ. މާފުށީ ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮށި ވެސް ހިމެނެއެވެ.

މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށުނު ނަމަވެސް، މޫސުން ހޫނުގަދަވުމުގެ ސަބަބުން ހެނދުނުގެ ވަގުތުތަކުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު މަދެވެ. ނަމަވެސް ހަވީރު ފިނިވާން ފެށުމާއެކު ވޯޓުލާން ނިކުންނަ މީހުންގެ އަދަދު އިތުރުވާން ފެށުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ވަގުތު އިތުރުކޮށްފައެވެ.

ކުރިން ހަވީރު 4:00 އަށް ކިއު ބަންދުކުރަން ނިންމާފައި އޮތް ނަމަވެސް، މިހާރު ވަނީ ހަވީރު 5:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު އިތުރުކޮށްފައެވެ. މިއީ ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *