Tuesday, 28 July 2026
ކުރީގެ ދެ ރައީސުން؛ މައުމޫނު އަދި ސޯލިހު

ކުރީގެ ރައީސް މައުމޫނު އަދި ކުރީގެ ރައީސް ސޯލިހު ވެސް ފަރުދީ ޒިންމާ އަދާކުރަައްވައި ވޯޓު ލައްވައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވޯޓު ލައްވައިފިއެވެ. ރައީސް މައުމޫން ވޯޓު ލެއްވުމާއެކު، މިހާރު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ހުރިހާ ކުރީގެ ރައީސުން މިވަނީ މި އިންތިޚާބުގައި ވޯޓު ދެއްވާފައެވެ.

ވޯޓު ލެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ މިއީ ގައުމީ ކަމަކަށްވާތީ، ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށް ވޯޓުލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ޅ. އަތޮޅުގެ ވޯޓު ފޮއްޓަށެވެ. ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، "މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ކެންޕެއިން ތެރެއިން ފާހަގަވި" ކަމަށާއި، މިއަދުގެ ވޯޓުން އެ ހިތްހަމަނުޖެހުންތައް ފެނިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއަދުގެ އިންތިޚާބަކީ ކައުންސިލްތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ނިންމުމަށް ނަގާ ރެފަރަންޑަމް ވޯޓެއްވެސް ހިމެނޭ މުހިންމު އިންތިޚާބެކެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 294,876 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މުޅި ރާއްޖޭގައި 588 ވޯޓު ފޮށި ބަހައްޓާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ކޮމިޝަނުން ބުނެފައިވަނީ 4:00 ގެ ފަހުން ކިޔުއަށް ނޭރޭނެ ނަމަވެސް، އޭރު ކިޔުގައި ތިބި މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އިންތިޚާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *