ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބޭރު ފައިސާގެ ޤާނޫނު ތަންފީޒުކުރުމުގެ ނަތީޖާއަކީ ސޫކޫކު ފަދަ ސަރުކާރުގެ ދަރަނިތައް ދެއްކުމުގައި ބޮޑު އެހީތެރިކަމެއް ލިބުނު ކަމެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މަރުކަޒީ ބޭންކުން މިކަން ހާމަކުރީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އޭގެ ކޫޕަން ޕޭމަންޓަށް ވާ ޖުމުލަ 524.68 މިލިޔަން ޑޮލަރު، ސަރުކާރުގެ ފިސްކަލް އެޖެންޓުގެ ހައިސިއްޔަތުން ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ.
އެމްއެމްއޭއިން ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހު ސުކޫކަށް ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވަނީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ބޭނުންކޮށްގެން ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ދަޢުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ބޭރު ފައިސާގެ ލިކިއުޑިޓީ އިތުރުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ވަނީ ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، 2024 ވަނަ އަހަރު ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ކުރިއަށްވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުޙިއްމު ކުރިއޭރުންތަކެއް ލިބުމެވެ.
މި މަސައްކަތްތަކާ ގުޅޭގޮތުން އެމްއެމްއޭއިން އިތުރަށް ފާހަގަކުރީ، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އިސްތިރާޖީ ރިފޯމްސްތައް ތަންފީޒުކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެއްމެހައި އިދާރާތަކާއި އެމްއެމްއޭއާ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ދައުލަތުގެ ރިޒާވު އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގައި ސަރުކާރާއެކު ދެމިތިބޭނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށް ބުރަ ނުވާނެ ގޮތަށް ދަރަނި އަދާކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓަށް ގެނައި ބަދަލުތައް ހިމެނެއެވެ.
ސުކޫކު އަދާކުރުމަށްފަހު، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން، މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިޔަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމިފައިވާކަންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.


