Tuesday, 28 July 2026
މާލެ ނޯތު ހާބަރުގައި އަޅާފައި އޮތް އުޅަނދުތަކެއް -- ފޮޓޯ: ދައުރު

ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިން ހޭނެތުނީ ޖަނަރޭޓަރު ދުމުގެ ސަބަބުން: ފުލުހުން

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހޭނެތިގެން ފަރުވާދޭން ޖެހުނު ހާދިސާ ހިނގީ، އެމީހުން ނިދާފައި ތިއްބާ ޖަނަރޭޓަރަކުން ބޭރުވި ދުމުގެ އަސަރުކޮށްގެން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ހާދިސާ ހިނގަން މެދުވެރިވީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ވިހަ ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށެވެ. މިއަދު ހެނދުނު 6:35 ހާއިރު ހިނގި މި ހާދިސާގައި ހަތް މީހަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާލެއާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ "ޑީއެމްއެމްއޭ އެކްސްޕްރެސް 5″ ބޯޓުގައެވެ. ހޭނެތިފައި ތިއްބާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. ފުލުހުން ބުނި ގޮތުގައި މިހާރު އެ އެންމެންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްއެއް ކޮށްފައެވެ. "ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެކެވެ،" ފުލުހުން ބުންޏެވެ.

އެހެންކަމުން، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *