ގދ. ގައްދޫ ސްކޫލުގައި ވޯޓުލުން ކުރިއަށްދަނިކޮށް، ވޯޓުލާ ބޫތެއްގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ބުނެ ބަޔަކު ހަމަނުޖެހުން ހިންގައިފިއެވެ. މި ހާދިސާއާ ގުޅިގެން މެދުކަނޑާލި ވޯޓުލުން މިހާރު ވަނީ އަލުން ފަށާފައެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ތައްޔާރުކޮށްފައިވާ ބޫތެއްގައި ފާހަގަޖަހާއިރު، ވޯޓުގެ ސިއްރުކަން ނުހިފޭ ކަމަށް ބުނެ އެތަނަށް ބަޔަކު ވަދެ ބޫތަށް ބަދަލުތަކެއް ގެންނަން އުޅުމުގެ ތެރޭގައެވެ. މިކަމާ ގުޅިގެން ސިޔާސީ ދެ ޕާޓީއެއްގެ މެންބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ވިދާޅުވީ، ގައްދޫގައި ހިނގި މި ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މަސްލަހަތު ގާއިމުކުރުމަށްފަހު، މިހާރު އެ ސަރަހައްދު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ގައްދޫގައި ވޯޓުލުން ގާތްގަނޑަކަށް 30 މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް، މައްސަލަ ހައްލުކުރުމަށްފަހު އަލުން ވޯޓުލާން ފަށާފައިވާއިރު، މިހާތަނަށް އެ ރަށުން 100 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.


