Tuesday, 28 July 2026
ފޮޓޯ: އިލެކްޝަން ކޮމިޝަން

އިންތިޚާބާ ގުޅިގެން މިހާތަނަށް 10 ޝަކުވާ، ދެ ގަޑިއިރު ތެރޭ 13 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލައިފި

ކުރިއަށްދާ އިންތިޚާބާ ގުޅިގެން މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް 10 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދެވެ.

ސަލާހު ރަޝީދު ވިދާޅުވި ގޮތުގައި ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި މަނާ ގަޑީގައި ކެމްޕެއިން ކުރުމުގެ މައްސަލަތަކާއި، ވޯޓު ކަރުދާސް ލުމުގައި އޮޅުން އަރައިގެން ހުށަހެޅި ކަންކަން ހިމެނެއެވެ. އެގޮތުން ތިން ވޯޓެއް އެއްފަހަރާ ކުރިއަށްދާއިރު، ވޯޓު ކަރުދާސް ލާންޖެހޭ ފޮށި ނޫން އެހެން ފޮއްޓަކަށް ލެވިއްޖެ ނަމަ ވޯޓު ބާތިލުވާނެތޯ އޮޅުންފިލުވުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން އީސީން ބުނީ، ގިނަ މަރުކަޒުތަކުގައި ހެނދުނު 8:00 ޖެހިއިރު ވޯޓުލާން ފަށާފައިވާ ކަމަށެވެ. އަދި ހެނދުނު 9:33 އާ ހަމައަށް އައިއިރު ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލާން ފެށިތާ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި 41,162 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އާބާދީގެ 13.96 ޕަސެންޓެވެ.

މި އިންތިޚާބަކީ އެކެއްގެ މައްޗަށް ގިނަ ވޯޓުތަކެއް ހިމެނޭ އިންތިޚާބަކަށް ވުމުން، ވޯޓުލާ މީހުން ކަރުދާސްތައް ފޮއްޓަށް އެޅުމުގައި ސަމާލުވުމަށް އޮފިޝަލުން އިރުޝާދު ދެމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *