މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވޯޓު ލައްވައިފިއެވެ. މޭޔަރު އާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ބަހައްޓާފައި ހުރި ވޯޓު ފޮށްޓަށެވެ.
ވޯޓުލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އާޒިމް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުން ވޯޓުލާން ނިކުތުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވޯޓުލުމުގެ ކަންކަމާއި ވޯޓު ގުނުމުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިހާބުގެ ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މިފަހަރުގެ އިންތިހާބުތަކުގައި ޖުމްލަ 2،961 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.


