Tuesday, 28 July 2026
އެމްޑިީޕީގެ ބައެއް ލީޑަރުން

3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރަނީ ވޯޓުގެ ސިއްރުކަން ގެއްލުވާލަން: އެމްޑީޕީ

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބު އަދި އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓުގައި، ވަކި ކަރުދާހެއް ބޭނުންނުވާ ނަމަ އެ ކަރުދާހެއް ދޫނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެމްޑީޕީން ބުނީ މިއީ ސަރުކާރު މުވައްޒަފުންނަށް ބިރުދައްކައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ސަރުކާރުން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ކުރާ ކަމެއް ކަމަށެވެ. އެ ޕާޓީން 'އެކްސް’ގައި ކުރި ޕޯސްޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، ތިން ވޯޓު ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމުގެ އަމަލެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ރޭ ވިދާޅުވީ، ވޯޓުލާން ދާ މީހަކު ވަކި ވޯޓެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް ދޫނުކުރާނެ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެ މީހަކު ބައިވެރިނުވާ ވޯޓުގެ މައުލޫމާތު އިއުލާންކޮށް، ހާދިސާ ރިޕޯޓުގައި އެކަން ނޯޓުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒާހިދު އިތުރަށް ވިދާޅުވީ މިއީ މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި އިންތިޚާބުތަކުގައި ވެސް އަމަލުކޮށްފައިވާ އުސޫލު ކަމަށާއި، ވޯޓެއްގައި ބައިވެރިވުމަކީ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ މިކަން މިގޮތަށް ނުކުރުމަށް ކޮމިޝަނަށް ގޮވާލާފައެވެ.

މިއަދުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާ މި ވޯޓުލުމުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *