ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރާއްޖޭގެ ބޮޑެތި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ. މުޅި ރާއްޖޭގައި ކުރިއަށްދާ މި ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިފަހަރުގެ އިންތިހާބުތަކުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އެ ޕާޓީން 1,322 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ އިތުރުން އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ދަ ޑިމޮކްރެޓްސްގެ އިތުރުން އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން މި އިންތިހާބުގައި ބައިވެރިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބުތަކަށްޓަކައި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިހާބަށް 297,959 ކަރުދާހާއި، ޑަބްލިއުޑީސީ އިންތިހާބަށް 292,706 ކަރުދާސް އަދި ހިޔާލު ހޯދުމުގެ ވޯޓަށް 298,180 ކަރުދާސް ހިމެނެއެވެ. ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލެ ސަރަހައްދާއި އަތޮޅުތައް ހިމެނޭހެން ޖުމުލަ 588 މަރުކަޒެއްގައެވެ.
ވޯޓުލާ މީހުންނަށް އޮޅުންނުއަރާނެހެން ތިން އިންތިހާބުގެ ވޯޓު ފޮށިތައް ވަނީ ކުލައިން ފާހަގަކޮށްފައެވެ. އެގޮތުން ފެންނަ ނުފެންނަ ވޯޓަށް ހުދު ކުލަ، ކައުންސިލް އިންތިހާބަށް ނޫ ކުލަ، އަދި ޑަބްލިއުޑީސީ އިންތިހާބަށް ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮށިތައް ވަނީ ހާއްސަކޮށްފައެވެ.


