Tuesday, 28 July 2026
މާލެ ޓެކްސީ ލައިން -- ފޮޓޯ: ރައީސް އޮފީސް

މާލެ ޓެކްސީ ލައިންގެ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހިލޭ ކުރެވޭނެ!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" ގެ ދަތުރުތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ކުރެވޭނެކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވި މި ހިދުމަތް ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ދަތުރުތައް ހަމަޖެއްސޭނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެއް ހަފުތާގެ މުއްދަތަށް ދަތުރުތައް ހިލޭ ކޮށްދިނުމުގެ އެންމެ ބޮޑު މަގުސަދަކީ، ހިދުމަތަށް އަގު ނަގަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލާއި ކަންބޮޑުވުންތައް ހޯދުމެވެ. މި މުއްދަތުގެ ތެރޭގައި ލިބޭ ފީޑްބެކްތަކަށް ބަލައި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތަކަށް މި މަޝްރޫއު ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ގާއިމުކުރުމަކީ މާލެފަހި ޕްރޮގުރާމުގެ ދަށުން މިދިޔަ ޖުލައި މަހު އިއުލާނުކުރި މުހިންމު މަޝްރޫއެކެވެ. މިއީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފެށިގެންދިޔަ ހިދުމަތެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ޓެކްސީ ހޯދުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި މަސައްކަތެކެވެ. މި ހިދުމަތާއެކު މާލެ އާއި ހުޅުމާލެ ހިމެނޭހެން ދަތުރުފަތުރުގެ ލުއިފަސޭހަކަން އާންމުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *