Tuesday, 28 July 2026
ކޮންމެ ވަގުތަކުވެސް މަރު އަތުވެދާނެ ކަމަށް ބަލައި، އަބަދުވެސް ތައުބާވެ، ތިބުމަށް ޚުތުބާގައި ވަނީ ގޮވާލާފަ -- ފޮޓޯ: ފްރީޕިކް

ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށް ޚުތުބާގައި އިލްތިމާސްކޮށްފި

ކޮންމެ އިންސާނަކާ ވެސް މަރު ބައްދަލުކުރާނެކަން ދަނެ، އެ ދުވަހަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ރާއްޖޭގެ ރައްޔިތުންނަށް ނަސޭހަތްތެރިވެއްޖެއެވެ. މިއަދުގެ ޚުތުބާ ޚާއްޞަކޮށްފައިވަނީ މަރާއި އޭގެ ފަހުން އަންނާނެ ކަންތައްތަކުގެ މައްޗަށެވެ.

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރަކީ އެއްވެސް މީހަކަށް އިންކާރު ނުކުރެވޭނެ ޙަޤީޤަތެކެވެ. ދުނިޔޭގައި އެއްކުރި މުދަލާއި، އަނބިދަރިންނާއި، ގެދޮރާއި، ވިޔަފާރި ފަދަ ހުރިހާ ޒީނަތެއް ދޫކޮށް ވަކިވާންޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން، ނުބައި ކަންކަމުން ދުރުވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން މިސާލު ދައްކަވަމުން ޚުތުބާގައި ބުނީ، ކަށްވަޅުގެ ބިރުވެރިކަމަށް ވިސްނައި، އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ކަމެއް ކަމަށެވެ. ކީރިތި ރަސޫލާ ﷺ ވެސް ކަށްވަޅެއްގެ ކައިރީގައި އިންނަވައި ކީރިތި ކުރައްވައި، އެ ދުވަހަށް ތައްޔާރުވުމަށް އަޞްޙާބު ބޭކަލުންނަށް ވަޞިއްޔަތް ކުރެއްވިކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

މަރުން ރެކިގަނެވޭނެ އެއްވެސް މީހަކު ނުވާނެކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ، މީހަކީ ކިތަންމެ އާރާއި ބާރު ހުރި މީހެއް ކަމުގައި ވިޔަސް، ނުވަތަ ގަދަފަދަ ކިއްލާއެއްގެ ތެރޭގައި ހުރި މީހެއް ކަމުގައި ވިޔަސް މަރު އައިސް އޭނާ އަތުލާނެ ކަމަށެވެ. މަރު އަންނަނީ އެއްވެސް މީހެއްގެ ހުއްދަ ހޯދައިގެން ނޫން ކަމަށާއި، މާތް اللهގެ އަމުރުފުޅު އައުމުން އެއްވެސް ލަސްކުރުމެއް ނެތި ފުރާނަ ހިއްޕަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާ ނިންމާލަމުން ބުނީ، މަރުވުމުގައި މީހާގެ ޢުމުރަކަށް، ބަލިޙާލަތަކަށް، ނުވަތަ މުއްސަނދިކަމާއި ފަޤީރުކަމަކަށް ބެލުމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ކޮންމެ ވަގުތަކުވެސް މަރު އަތުވެދާނެ ކަމަށް ބަލައި، އަބަދުވެސް ތައުބާވެ، ހެޔޮމަގުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *