ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިމާރާތެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ އިމާރާތް އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމްގެ އިތުރުން ކްލާސްރޫމެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
750 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ މި މަރުކަޒުގައި އަލިފާން ރޯވާން ދިމާވީ އޭސީ ޔުނިޓެއްގައި ރޯވެގެން ކަމަށް ސްކޫލުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރޭ ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ.
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ވޯޓުލުން މި ސްކޫލުގައި ކުރިއަށްދާނެއެވެ. އަލިފާން ރޯވި އިމާރާތާއި އިންތިޚާބު ބާއްވާ ހޯލު ހުރީ އެއް ގޯއްޗެއްގައި ނަމަވެސް، ވޯޓުލާ މަރުކަޒަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާތީ އިންތިޚާބުގެ ކަންކަން ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ސްކޫލުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އަންނަ ހަފްތާގައި ކިޔެވުން އަލުން ފެށޭއިރު ދަރިވަރުންގެ އުނގަނައިދިނުމަށް ބުރޫނާރާނެ ގޮތަށް ކަންކަން ދަނީ އިންތިޒާމު ކުރަމުންނެވެ. އެގޮތުން ޕްރިންޓިންގ ރޫމަށް ބޭނުންވާ މެޝިނަރީއާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލު ބަލައި، ސްކޫލުގެ ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.


