Tuesday, 28 July 2026
ވ. ރައީސް ޑޜ. މުހައްމަދު މުއިއްޒު، ކ. މާލީ ވަޒީރު މޫސާ ޒަމީރު -- ފޮޓޯ: ސަންގު

ރައީސްގެ ވައުދާ އެއްގޮތަށް 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ދައުލަތުން އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި (އެސްޑީއެފް) ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުކޫކުގެ އަސްލު ފައިސާގެ އިތުރުން އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން ޑޮލަރު ސަރުކާރުން މިހާރު ދައްކާފައިވާ ކަމަށެވެ. މި ދަރަނި އަދާކުރުމާއެކު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު ދަށްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން، އޭގެ ކުރިން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ ބޮންޑެއް އަދާކުރުމަށްޓަކައި މާލީ ބާޒާރުގެ އަގުތަކަށްވުރެ ބޮޑު އަގުގައި ވިއްކާފައިވާ ސުކޫކެކެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެ ސުކޫކު ވިއްކާފައިވަނީ އަނބުރާ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، އިގުތިސާދަށް ލޮޅުން ނާރާނެ ގޮތަށް މި ފައިސާ ދެއްކުމަށްޓަކައި އެސްޑީއެފްއަށް ފައިސާ ޖަމާކުރުން ފަދަ މުހިއްމު ފިޔަވަޅުތަކެއް އެޅިއެވެ.

އިގުތިސާދީ ހާލަތާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މި އަހަރުގެ މާޗު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް އިތުރުވެ 1.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ރިޒާވް އެންމެ މަތިވި މިންވަރެވެ. މީގެ އިތުރުން، އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ކުރުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި މުދާ މެދުނުކެނޑި ފޯރުކޮށްދިނުމެވެ. އަދި އެވުޒާރާގެ އެންމެ ބޮޑު އަމާޒަަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ދަށްކުރެވޭނެ އަމާޒަށް މާލީ ކަންކަން ކުރިއަށްގެންދިއުން ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *