ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަން “އޮޕަރޭޝަން ބްލޫ ރޭ” ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. މި ރަސްމިއްޔާތުގައި އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޮޕަރޭޝަން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ފަރުޙާދު ފިކުރީ ވިދާޅުވީ، މަސައްކަތުގައި ހަރަކާތްތެރިވާއިރު ފުލުހުންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި އޯގާތެރިކަން އިސްކުރުމަށާއި، ނުތަނަވަސް ދަނޑިވަޅުތަކުގައި ވެސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް އެދިވަޑައިގެންނެވިއެވެ.
"އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއް،" ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމުގެ އިހުސާސްކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އޮޕަރޭޝަން ފެށުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް މިހާރު ވަނީ ލެވެލް 2 އަށް ބަދަލުކޮށްފައެވެ. މިއަދުގެ ބްރީފިންގގައި މާލޭގައި ތިބި ފުލުހުންގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ފުލުހުން ވެސް ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ.
ފުލުހުންގެ އުންމީދަކީ މި އޮޕަރޭޝަނުގެ ތެރެއިން އިންތިޚާބުގެ ކަންކަން އަމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ދިއުމުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.


