ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ތަކުރާރުކޮށް ވައްކަންކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށްފައި ވަނީ މާލެ، މ. ވިނަރެސް، ޙުސައިން ޝިހާމް (40އ) އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރަމުންދާ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މި ނިމުނު މާރިޗު މަހު 22 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު ޝިހާމް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ވަނީ ބަލައިފާސްކޮށްފައެވެ.
އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި، ޕްރިންޓަރުގެ އިތުރުން އޮފީސްތަކުގައި ބޭނުންކުރާ އެކި ބާވަތުގެ އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ.
ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ރިއާޔަތްކޮށް، ބަންދަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.


