Tuesday, 28 July 2026

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފޯމު ހުށަހެޅުމަށް ބާކީ 3 ދުވަސް

މިނިސްޓްރީ އޮފް ޑިފެންސްއިން ކުރިއަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސަރވިސްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ ތިން ދުވަހަށް ވެއްޖެއެވެ.

މި ޕްރޮގްރާމުގެ ދަށުން ހިންގާ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 އެޕްރީލް 5 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން، ޤައުމީ ޚިދުމަތުގެ ރޫޙު އާލާކުރުމަށް ހިންގާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މީގެ ތެރެއިން އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް އޮވެގެންނެވެ. މީގެ އިތުރުން ބައިވެރިވާ ފަރާތަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތަކަށް ވާންޖެހެއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ފަހު ހަފުތާގައެވެ. މި ތަމްރީނުތައް ކުރިއަށްދާނީ ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދެވޭނެއެވެ. ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް، އިނީޝިއަލް ޓްރެއިނިންގއަށްފަހު އިތުރު ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު applyfor.mns@defence.gov.mv އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 3035850 ނަންބަރު ފޯނާ ގުޅުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *