Tuesday, 28 July 2026
މަންމައަކު އޭނާގެ ދަރިފުޅާއެކު---ފޮޓޯ: ކޯޕަރޭޓް މޯލްޑިވެސް

އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމަކީ އިޖުތިމާޢީ އޮނިގަނޑު ވަރުގަދަވާނެ ކަމެއް: ރައީސް

އޯޓިޒަމް ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް، އެފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުޞަތު ދިނުމަކީ މުޅި ޤައުމުގެ އިޖުތިމާޢީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ މުހިންމު ބައެއް ކަމަށެވެ. އަދި ކޮންމެ މީހަކަށްމެ އިޙްތިރާމާއި، އޯގާތެރިކަމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުޞަތުތައް ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ގޭތެރެއާއި، ސުކޫލުތަކާއި، މަސައްކަތުގެ މާޙައުލުގެ އިތުރުން އާންމު ތަންތަނުގައި އެފަރާތްތައް ބައިވެރިކުރުވުން ފެށެނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި އަމަލީ މަސައްކަތުން ކަމަށެވެ. މިއާއެކު އޯޓިޒަމް ހުންނަ ކުދިންނަށް ކުރީބައިގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެންމެން ބައިވެރިކޮށްގެން ދެވޭ ތަޢުލީމާއި، މުޖުތަމަޢުގެ ބަލައިގަތުން އިތުރުކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސުކޫލުތަކުގެ ތަޢުލީމީ އޮނިގަނޑު އެންމެން ބައިވެރިކުރެވޭނެ ފަދަ ގޮތަކަށް ހަރުދަނާކުރުމަށާއި، މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، އޯޓިޒަމް ހުންނަ ކޮންމެ ފަރާތަކީވެސް އިޙްތިރާމާއި، މަޤްޞަދެއް އޮތް އަދި މުޖުތަމަޢުގެ ބައެއްގެ ގޮތުގައި އިޙްސާސް ކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިގެންވާ ބައެއްކަން ހަނދާންކޮށްދެއްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *