މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ވަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް، މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެންފައެވެ. އެ ސަރަހައްދުގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، މަޝްރޫޢުގެ ފޭސް 1 ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށް މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު އެމަނިކުފާނު ވަނީ ވަޒަންކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމުގެ މި މަޝްރޫޢުގެ ދަށުން، އެންމެ ފުރަތަމަ ނިންމާފައިވަނީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ. މި ސަރަހައްދުގެ މަސައްކަތް ނިންމައި ހުޅުވާލާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މީގެ އިތުރުން، ދެވަނަ ސެގްމެންޓުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، 2026 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
9 އޭޕްރިލް 2025 ގައި އެމްޓީސީސީ އާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢު ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ވަސީލަތްތަކާއެކު ތަރައްޤީ ކުރެވިފައިވާ މަގަކަށެވެ. މި ބަދަލާއެކު މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ ރައްޔިތުންނަށް ރައްކާތެރި އަދި ހިތްފަސޭހަ މާޙައުލެއް ގާއިމުވެގެންދާނެއެވެ.


