Tuesday, 28 July 2026
މާލޭގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ:އެމްޑީޕީ

އެމްޑީޕީ ކައުންސިލަރުން ހޮވައިދީފި ނަމަ، ހުޅުމާލޭގެ ހިދުމަތްތައް ހޯދަން އެޗްޑީސީ ދޮރުމަތީގައި ތިބޭނަން: އާޒިމް

މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކައުންސިލަރުން ހޮވައިދީފި ނަމަ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަންދެން އެޗްޑީސީގެ ދޮރުމަތީގައި ކައުންސިލަރުން ތިބޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގައި ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ހުޅުމާލޭގެ ހިދުމަތްތައް ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދެމުން ދަނީ އެ އަވަށުގެ ބިމުގެ މިލްކުވެރިކަން ވެސް އޮންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. މާލޭ ކައުންސިލަށް މި ހިދުމަތްތައް ބަދަލުކުރުމަކީ ރައީސް މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ވަކާލާތު ކުރެއްވި ކަމަކަށް ވާއިރު، އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ވެސްމެ އެވެ. އެ ވައުދާ އެއްގޮތަށް 31 ޑިސެމްބަރު 2023 ގައި ހިދުމަތް ބަދަލުކުރަން ރައީސް އެންގެވި ނަމަވެސް، އަމަލީ ގޮތުން އެކަން އަދިވެސް ފުރިހަމަވެފައެއް ނުވެ އެވެ.

މޭޔަރު އާޒިމް ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ.

"އެޗްޑީސީ [ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް] އަޅުގަނޑުމެންނާ ހަވާލުނުކޮށް އޮންނަ އޮތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިމުމަކަށް ގެންނާނަން. މިތާ ތިބި [އެމްޑީޕީގެ] ކެންޑިޑޭޓުން ހޮވައިދީފި ނަމަ އެޗްޑީސީގެ ދޮރުމަތިން އަޅުގަނޑުމެން ގެއަކަށް ނުދާނަން ހަވާލުނުކުރަނީހެއް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި އެޗްޑީސީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ފައިދާ ނަގައިގެން ރައްޔިތުން ބިކަ ކުރުމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި އެޗްޑީސީގެ ޒިންމާތައް ކައުންސިލާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަން ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ހިދުމަތްތައް ހޯދުމަށް ރައީސް އޮފީސް ދޮށަށް ދާން ޖެހުނަސް އެކަން ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ހުޅުމާލޭގެ ހިދުމަތްތައް ކައުންސިލް ދަށަށް ބަދަލުނުވެ އޮތީ ކައުންސިލުން އެ ހިދުމަތްތަކާ ހަވާލުނުވެގެން ކަމަށެވެ. ނަމަވެސް އާޒިމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައި، ހުޅުމާލޭގެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލާ ހަވާލުކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *